އއ. ތޮއްޑޫގައި މިހާރު އިމާރާތްކުރަމުންދާ 30 އެނދުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތޮއްޑޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ތޮއްޑޫގައި ކުރިއަށްދާ ތިރީސް އެންދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައި.ސީ.ޔޫ ހިމެނުމުގެ ފުރުޞަތު އެބައޮތް ކަމަށް ޞިއްޙީ ވުޒާރާގެ ފަންނީ ބޭފުޅުން ވަނީ ޔަގީންކަން ދެއްވާފައެވެ.

ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތޮއްޑޫއަށް ޝެޑިއުލް ސީޕްލޭން ދަތުރުތައް ފެށުމަށް ނިންމާފައިވާކަން ވެސް ރައީސް މިއަދު ޢިއުލާން ކުރެއްވިއެވެ.

މީގެ އިތުރުން، ދަނޑުވެރިކަމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ތޮއްޑޫ ފާހަގަކުރެވޭތީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސް އެ ރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާކަން ވަނީ ޢިއުލާން ކުރަށްވާފައެވެ.

ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، ގައު އަތުރައިގެން މަގު ހެދުމުގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތް މި އަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ތޮއްޑޫ އަކީ އއ. އަތޮޅަށް ރައީސް އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑަައިގެންނެވި ފަސް ވަނަ މަންޒިލެވެ. އަދި މިއަދުގެ ދެވަނަ މަންޒިލެވެ.