އއ. ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައި، ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒާއި، ތޮއްޑޫ ބީއެމްއެލް ބްރާންޗްގެ ބިންގާ އަޅައިފިއެވެ.

މި ޚިދުމަތްތައް ފަށައި، މި ދެ އިމާރާތުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލްގެ ގޮތުގައި މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

Ad
rt

ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް މުޢިއްޒެވެ. އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން، 29.7 މިލިއަން ރުފިޔާގެ އަގުގައި ތޮއްޑޫގެ ނަރުދަމާ ނިޒާމު ޤާއިމުކޮށްފައިވަނީ ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

މީގެއިތުރުން، ރައީސް މުޢިއްޒު މިއަދު ވަނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް ފައްޓަވައިދެއްވާފައެވެ. އަދި އެރަށުގައި މިއަދު ވަނީ ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާ ވެސް އަޅާފައެވެ. މި ތަނުގެ ބިންގާ އަޅުއްވައި ދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، ބީއެމްއެލްގެ ސީއީއޯ އަދި ތޮއްޑޫ ކައުންސިލްގެ ރައީސެވެ.

ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް މިއަދު އަޅާފައިވާއިރު، މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. މި މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާރުޑީސީންނެވެ.

މިއަދު ވަނީ ތޮއްޑޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ވެސް ފަށާފައެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، (އާރުސީސީ)އާ ޙަވާލުކޮށްގެން އަޅާ މި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.