އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) ބޮޑުފޮޅުދޫގައި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށެވެ. އަދި ރަށުގެ ގެދޮރުގެ ދަތިކަން ފާހަގަކުރައްވައި، މި މަޝްރޫޢު ނިމުމުން އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

މިއަދުގެ ރަސްމިއްޔާތުގައި ބޮޑުފޮޅުދޫ ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައިވާއިރު، މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރަށުގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ހޭންޑްބޯލް ދަނޑުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވައި، ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ނިންމުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، ރަށުގައި ހިއްކާފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށާ ހަވާލުކުރުމުގެ ކަންކަން ނިންމަވައި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައްވެސް އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ބޮޑުފޮޅުދޫގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް، އޭގެ ނަފާ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ބޮޑުފުޅަދޫއަކީ އއ. އަތޮޅަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑަައިގެންނެވި ހަތަރު ވަނަ މަންޒިލެވެ. އަދި މިއަދުގެ ފުރަތަމަ މަންޒިލެވެ.