އއ.މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް މޯލްޑިވްސް އެއަޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އާއި ރޭ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްއޭސީއެލް އާއި ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙަައްމަދު މުޢިއްޒު އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް އިއްޔެ ފެއްޓެވި، ދަތުރުފުޅުގައި ތިން ވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު މަތިވެރި އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން މަތިވެރީގެ 26.5 ހެކަޓުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި އޭޕްރަންގެ އިތުރުން ފަސިންޖަރ ޓާމިނަލާއި ފަޔަރ ސްޓޭޝަންގެ އިތުރުން އެއަރޕޯޓުގެ ޚިދުމަތްދޭ މަގުތައް ތަރައްޤީކުރާނެއެވެ.

މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެރަށު ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގެ ހުރިހާ މަސައްކަތާއި އެކު މުޅި ޕްރޮޖެކްޓް ދެއަހަރާއި ބައި ތެރޭގައި ނިންމާ އެއާޕޯޓް ހުޅުވާނެ ކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

"ކްރޮސް ސަބްސިޑީ" އުޞޫލުން މަތިވެރީގައި އެއަޕޯޓް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.