އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) ހިމަންދޫ ގިރުމުގެ މައްސަލައާއި ބަނދަރުގެ ނެރުގެ މައްސަލަ އަވަހަށް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

އެ މަނިކުފާނު މި ޔަގީންކަން ދެއްވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، ރަށްގިރުމުގެ މައްސަލައަކީ ހިމަންދޫއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވަމުން ވިދާޅުވީ، އެ މަސައްކަތްކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ. އަދި އެ މަސައްކަތާއެކީ ބަނދަރުގެ ނެރުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެއިތުރުން ރައީސް ވަނީ ހިމަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނުނިމި ގިނަދުވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހިނގާ ދިރާސީ އަހަރުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި، ކިޔެވުންފެށުމަށް ވާންޖެހޭ ހުރިހާތައްޔާރީތައް ފުރިހަމަކޮށް، ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރަށް އިމާރާތުގެ ބޭނުންކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ހިމަންދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގެ ބޭނުންކުރަން މިއަދު ފެށިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި ހިމަންދޫ ރައްޔިތުން ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭގޮތަށް، ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.

ކުރިއަށް އޮތް ދެ އަހަރުތެރޭގައި މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯލް ކޯޓްއެޅުމުގެ ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މިއަހަރު ހިމަންދޫގައި ހޭންޑްބޯލް ކޯޓެއް އަޅައި، އިންޑޯ ޖިމެއް އަޅައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. މިއީ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ލިބިގެންދާނެ ބޮޑު ފުރުޞަތެކެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިމަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މި ޚިދުމަތްތައް ހިމަންދޫގައި ގާއިމުކުރުމަކީ ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ކަމެކެވެ.