އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި ރައީސް ވަނީ، ޙާލުގައިޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމިއްލަ ފުރާނައިން ޤުރުބާންވެފައިވާ އިންސާނީ އެހީތެރީންގެ ޛިކުރާ އާކުރައްވާފައެވެ.

Ad
rt

ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ވޭތުވެދިޔަ ދެތިން އަހަރަކީ ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިވާ އެންމެ ނުރައްކާތެރި ޙާލަތްތަކުގައި އިންސާނީ އެހީތެރިން މަސައްކަތްކުރަން ޖެހުނު އަހަރުތަކެވެ.

މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިންނަށް އަމާޒުކުރާ ފުރައްސާރަ އާއި މަރުގެ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންސާނީ އެހީދޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ނުލިބުމުން، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުން މަޙުރޫމުވެއެވެ.

"އިންސާނީ އެހީތެރިކަން ދޭ ފަރާތްތަކުގެ ހިތްވަރާއި އޯގާތެރިކަމަކީ، ޙަޤީޤީ މާނައިގައި ޚިދުމަތްކުރުމާއި އެއްބާރުލުންދިނުމުގެ ރަމްޒެކެވެ،" ރައީސް ވިދާޅުވިއެވެ.

ޚާއްޞަކޮށް ޣައްޒާގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރީންގެ މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކުގެ ހިތްވަރުގެ ސަބަބުން، ޢަބުރުވެރި، އަމާން އަދި އިންސާފުވެރި ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތާއި އިންސާނިއްޔަތުގެ ބާރު ދައްކުވައިދޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންސާނިއްޔަތުކަމާ ގުޅުންހުރި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، ޙިޔާދިއްޔަތާއި މިނިވަންކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އެއްބާރުލުންދިނުމަށް ގޮވާލައްވަމުންނެވެ.