ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާތީ އެކަމާ ސަމާލުވެ، އެ ކުދިން ކުށަށް ހުށަހެޅޭ ކުދިންކަމުގައި ނުހެދުމަށް އެއްބާރުލުން ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރަމުން އަންނަ އާންމު ޕެޓްރޯލިން އާއި އެ ޚިދުމަތުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ކުށް ހިންގާ ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ޖުދިން އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

Ad
rt

މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެގެންދާތީ، ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ފުލުހުން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި އެ ޚިދުމަތުން ބުނެފަވެއެވެ.

މީގެ އިތުރުން، ޤާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ޤާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށް ފުލުހުން ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މި ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައި، އެންމެހައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަންބަރު 9770640 އަށް ގުޅުއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި ކުއްލި ހާލަތެއްގައި 911 އަށް ގުޅުއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.