އއ. ހިމަންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށް، އެރަށު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ.
މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސްޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ހިމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް
ހިމަންދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމުކޮށް، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށްފައިވެއެވެ. މީގެ އިތުރުން ފެން އުފެއްދުމަށް 2 އާރް.އޯ ޕްލާންޓާއި، ފެން ރައްކާކުރުމަށް 3 ތާންގީ ބަހައްޓާފައިވާއިރު، ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ޚިދުމަތް ވަނީ ގުޅާފައެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކޮށް، 956 މީޓަރުގެ ޕަންޕިން ލައިނެއް އަޅާފައިވެއެވެ. އަދި ނަރުދަމާގެ އިދާރީ އިމާރާތާއި، 3 ޕަންޕިންގ ސްޓޭޝަނާއި 1 ސީ އައުޓް ފޯލް ޤާއިމުކޮށް، ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
ޞިއްޙީ މަރުކަޒުގެ އައު އިމާރާތް
ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގައި ޢާންމު ޞިއްޙަތުގެ ޚިދުމަތުގެ ޔުނިޓްގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކާއި ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ޤާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކާއި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކްވެސް މި އިމާރާތުގައި ޤާއިމުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!