2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެންމެހާ މީހުން ދިރިއުޅޭ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ލާޒިމްކުރާ ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރަށްވާފައި ވަނީ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 11 އޮގަސްޓު 2025 ގައެވެ.
މި ބިލުގައިވާ އިސްލާހުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގެ އެންމެހާ މީހުން ދިރިއުޅޭ ރަށްތަކުގައި، އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް 2027 ވަނަ އަހަރު ނިމުމުގެ ކުރިން ޤާއިމުކޮށް، އެ ނިޒާމުތައް ހިންގުމުގެ އިންތިޒާމު ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހަމަޖެއްސުމެވެ. މީގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސާފު ބޯފެނާއި، ނަރުދަމާގެ ރަނގަޅު ނިޒާމެއް ގާއިމުވެގެން ދިއުމަށް ބާރު އެޅިގެންދާނެއެވެ.
މި ބިލުގައި ކައުންސިލްތަކަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަމާއި މަޝްވަރާ ދިނުމުގެ އިތުރުން، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ވެސް ހިމަނާފައިވެއެވެ.
ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މާހިރުންނަށް ހުއްދަ ދޫކުރުމުގެ މިންގަނޑުތަކާއި، ރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓްރީތަކުން ފެން ޓެސްޓުކުރުމުގެ ޚިދުމަތް ދިނުމުގެ ޝަރުތުތައްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ދެވޭނެ އަދަބުވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލައި ޢާންމުކުރަންވާނެކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
މިއީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ސާފު ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިދިނުމަށް އެޅުނު މުހިންމު ބިންގަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!