ކުވޭތުގައި ޤާނޫނާއި ޚިލާފަށް އުފައްދާ ބަނގުރާ ބުއި 23 މީހަކު މަރުވި މައްސަލާގައި 67 މީހަކު ހައްޔަރުކޮށްފިއެވެ.

ކުވޭތަކީ މުސްލިމް ޤައުމެއްކަމުން އެ ޤައުމުގައި ބަނގުރާ އެތެރެކުރުމާއި އުފެއްދުމަކީ ޤާނޫނީ ކުށެކެވެ.

Ad
rt

ކުވޭތުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެ ޤައުމުގައި ޤާނޫނާއި ޚިލާފަށް އުފައްދާ ބަނގުރާ ބުއިމުގެ ސަބަބުން 23 މީހަކު މަރުވި މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި މިހާތަށް ވަނީ ބަނގުރާ އުފެއްދުމުގެ ނެޓްވޯކްތަކުގެ 67 މީހަކު ހައްޔަރުކޮށްފައެވެ. މި ނެޓްވޯކްގެ އިސް މީހާ ވެސް ހައްޔަރުކޮށްފައިވާއިރު، އެއީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.

ހޮނިހިރު ދުވަހުގެ ރޭ އެކްސްގައި ޝާއިޢުކުރި ބަޔާނެއްގައި ކުވޭތުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވަނީ ރިހާއިޝީ އަދި ސިނާއީ ސަރަހައްދުތަކުން ޣައިރު ޤާނޫނީ ރާ އުފައްދާ 6 ފެކްޓަރީއާއި އަދި ހިންގަން ތައްޔާރުވަމުންދިޔަ 4 ފެކްޓަރީ ވަނީ ހޯދިފައެވެ.

މި ކުށުގެ ނެޓްވޯކްގައި ހިމެނޭ ނޭޕާލަށް ނިސްބަތްވާ މީހަކު ބުނެފައިވަނީ ކުވޭތުގައި މެތަނޯލް ތައްޔާރުކޮށް ވިއްކާފައިވާ ގޮތުގެ މަޢުލޫމާތު އޭނާ ފުލުހުންނަށް ދީފައިވާ ކަމަށެވެ.

މުސްލިމް ޤައުމެއްގެ ގޮތުން، ކުވެއިތުން ބަނގުރާ އެތެރެކުރުމާއި އުފެއްދުން މަނާކޮށްފައިވީ ނަމަވެސް ވަގަށް ސިއްރު ތަންތަނުގައި ބަނގުރާ އުފައްދައެވެ. މިފަދަ ތަންތަނުގައި ރައްކާތެރިކަމުގެ މިންގަނޑުތަކާއި ބެލެހެއްޓުމެއް ނޯވެއެވެ. އަދި މީގެ ސަބަބުން އެ ގައުމުގައި ބަނގުރާ ބޯ މީހުންނަށް ސިއްހީ ނުރައްކަލާ ވަނީ ކުރިމަތިވެފައެވެ.

ކުވޭތުގައި ޤާނޫނާއި ޚިލާފަށް އުފައްދާ ބަނގުރާ އުފައްދާ މައްސަލާގައި 67 މީހަކު ހައްޔަރުކޮށްފައިވާއިރު، ބަނގުރަލުގެ ސަބަބުން މެތަނޯލް ވިހަވުމުގެ 160 މައްސަލަ ރިޕޯޓުވެފައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ތެރެއިން 23 މީހުން މަރުވެފައިވާ ކަމަށް ކުވޭތުގެ ހެލްތް މިނިސްޓްރީން ވަނީ ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އޭޝިއާގެ ޤައުމުތަކުގެ މީހުންކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަދުވެގެން 51 މީހުންނަށް ކުއްލި ގޮތަކަށް ޑައިލިސިސް ފަރުވާ ދޭން ޖެހުނު ކަމަށާއި، 31 މީހުންނަށް މެކޭނިކަލް ވެންޓިލޭޝަން ބޭނުންވި ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

ކުވޭތުގައި އުޅޭ އެންމެ ގިނަ ބިދޭސީން ނިސްބަތްވާ ޤައުމަކީ އިންޑިއާއެވެ. އިންޑިއާގެ އެމްބަސީން ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި 40 އެއްހާ އިންޑިއާ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ.

"ބައެއް މީހުން މަރުވެފައިވޭ. ބައެއް މީހުން ވަރަށް ނާޒުކު ހާލަތެއްގައި ތިބި އިރު އަނެއްބައި މީހުން ރަނގަޅުވަމުން އަންނަނީ،" އެމްބަސީން އެކްސްގައި ބުނެފައިވެއެވެ.

މެތަނޯލަކީ ވަރަށް ވިހަ، ކުލަ ނުހުންނަ، ސިނާއީ އަދި ގޭގައި ބޭނުންކުރާ ތަކެތީގައި ބޭނުންކުރާ އެއްޗެކެކެވެ. މިއީ ދެނެގަތުމަށް ވަރަށް އުނދަގޫ އެއްޗެކެވެ. މެތަނޯލް ވިހަވުމުގެ އަލާމާތްތައް ފެންނަން ފަށަނީ ވަރަށް ލަހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މޭނުބައި ކުރުމާއި، ހޮޑުލުން، ބަނޑުގައި ރިހުން، ނޭވާލުން އަވަސްވުން އަދި ނޭވާލުމުގައި ދަތިވުމެވެ.