އިނގިރޭސި ޕްރިމިއާ ލީގުގެ އައި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ހަނިގޮތަކަށް އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއިން އާސެނަލް އަތުން ބަލިވެފައެވެ.

މިދިޔަ ސީޒަންގެ މެދުތެރެއިން ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި އަމޮރިމްގެ އިރުޝާދުގެ ދަށުން، މިދިޔަ ސީޒަންގައި ޔުނައިޓެޑަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ނަމަވެސް ރޭ މެޗުގައި ޔުނައިޓެޑުން ވަނީ އާސެނަލާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. ރޭ މެޗު އެއްކޮށް ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ.

Ad
rt

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން ގެނަ ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ރޭ ފުރަތަމަ އެގާރާގައި ހިމެނިއެވެ. އެއީ ވުލްވްސް އިން ގެނައި މެތިއަސް ކުންޔާ އާއި ބްރެންޓްފޯޑުން ގެނައި ބްރަޔަން އެމްބުއެމޯ އެވެ. އެ ދުޅުންތެރިން ވަނީ އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އާރުބީ ލައިޕްޒީގް އިން ޔުނައިޓެޑަށް ގެނައި ސެސްކޯ އަށް ކޯޗް އަމޮރިމް ފުރުސަތު ދީފައިވަނީ ފަހު ހާފުގައެވެ.

މި މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު 13 ވަނަ މިނެޓުގައި ޖަހައިދިނީ ކަލަފިޔޯރީއެވެ. އާސެނަލުން ނެގި ކޯނަރެއް ޔުނައިޓެޑް ކީޕަރ ބަޔެންޑިއޭ އަތުގައި ޖެހިފައި ވެއްޓުނު ވަގުތު ކަލްފިޔޯރީ އެ ބޯޅަ ގޯލަށް ފޮނުވާލީ ބޮލުންނެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ހަމަލާ ފޮނުވާލީ ޕެޓްރިކް ޑޯރޫ އެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އަމޮރިމް ބުނީ ޓީމްގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، މި ޓީމަށް ޕްރިމިއާ ލީގުގެ ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދީފި ކަމަށެވެ. އޭނާ އިތުރަށް ބުނީ ކުޅުމާއި މެދު ހިތްހަމަ ޖެހުނު ނަމަވެސް މެޗުން ބަލިވުމުން ދެރަވާ ކަމަށެވެ.