ވެރިކަން ބަދަލުވިއިރު އާސަންދައިން 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ އަދި އެންސްޕާއިން 491 މިލިއަނަށްވުރެ ގިނަ ރުފިޔާ ޕްރައިވެޓް ހޮސްޕިޓަލްތަކަށް ދައްކަން ޖެހި ނުދެއްކި އޮތްކަން އިނގިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް މިއަދު ވިދާޅުވެއްޖެއެވެ.
މަމްދޫޙްއަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރެކެވެ. އެ ކޮމެޓީގެ 33 ވަނަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.
މި ބައްދަލުވުމަށް އިޝާރާތް ކުރަށްވައި މެމްބަރު މަމްދޫޙް މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ 33 ވަނަ ބައްދަލުވުގައި، ''ޕްރައިވެޓް ހޮސްޕިޓަލްތަކުން، ސަރުކާރުގެ މުއައްސަސާތަކަށް އާސަންދަ އަދި އެންސްޕާގެ ދަށުން ދީފައިވާ ހިދުމަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ހޭދަވާތީ، ސިއްހީ ހިދުމަތް ދިނުމުގައި އެހޮސްޕިޓަލްތަކަށް ގޮންޖެހުންތަކާ، ކުރިމަތިލާންޖެހޭ ކަމަށް، ބަޔާންކޮށް، ހުށައަޅާފައިވާ މައްސަލައާއި ސިއްހީ ވެލްފެއަރގެ ހިދުމަތް ދިނުމުގެ ނިޒާމުގައި ހުރި އިތުރު މައްސަލަތައް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު'' އިތުރަށް ދިރާސާ ކުރުމަށް ވަނީ ނިންމާފައެވެ.
މިގޮތަށް ނިންމި ސަބަބަކީ، އެރިޕޯޓުގައިވާ މައުލޫމާތަކީ 22 ޖުލައި 2024 ގެ ނިޔަލަށް ހުރި އަދި ހޯދުނު މައުލޫމާތަށްވެފައި، މިހާރު ރިޕޯޓުގައި ހުރި އަދަދުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ފެންނާތީއާއި ރިޕޯޓު އަދާ ހަމަކުރުމަށް ކަމަށް އޭނާ ވިދާޅުވެފަވެއެވެ.
''މިރިޕޯޓުގައިވާ ގޮތުން، 17 ނޮވެމްބަރު 2023 ގެ ނިޔަލަށް، އާސަންދައިން، 1,146,328,560 ރުފިޔާ، ރާއްޖޭއާއި ރާއްޖޭން ބޭރުގެ ޕްރައިވެޓް ހޮސްޕިޓަލްތަކަށާއި އެކި އެކި ވެންޑަރުންނަށް ދައްކަން ޖެހި، ނުދައްކާ އޮތްކަން ހާމަވޭ. އަދި، ހަމަ މިރިޕޯޓުން ހާމަވާ ގޮތުގައި، 17 ނޮވެމްބަރު 2023 ގެ ނިޔަލަށް، އެންސްޕާއިން، 491،314،492 ރުފިޔާ، ހަމައެކަނި، ރާއްޖޭއާއި ރާއްޖޭން ބޭރުގެ ޕްރައިވެޓް ހޮސްޕިޓަލްތަކަށާއި ވަކިވަކި ވެންޑަރުންނަށް ދައްކަން ޖެހި، ނުދައްކާ އޮތްކަން ހާމަވޭ.'' މަމްދޫޙް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން 17 ނޮވެމްބަރު 2023 އިން 22 ޖުލައި 2024 ގެ ނިޔަލަށް، އެންސްޕާގެ އެކި ހިދުމަތްތަކަށް، 1،534،795،182 ރުފިޔާގެ ބިލް ކުރެވިފައިވާއިރު، ވެރިކަން ބަދަލުވި އިރު ނުދައްކާއޮތް، 491،314،492 ރުފިޔާއާއި އޭގެ އިތުރަށް، 871،976،442 ރުފިޔާ، 22 ޖުލައި 2024 ގެ ނިޔަލަށް ޖުމްލަ 1،363،290،934ރުފިޔާ މިސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަންވެސް އެރިޕޯޓުން ހާމަވާކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ. އަދި މިއީ 22 ޖުލައި 2024 ގެ ނިޔަލަށް ނެގިފައިވާ ހިސާބުތަކެއްކަން ސާފުކޮށް ރިޕޯޓުން ހާމަވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ދިވެހި ދައުލަތުގެ މާލިއްޔަތުން ސަރުކާރުގެ އަސާސީ ބޭސްފަރުވާ ސްކީމަށް އަންނަނީ ބޮޑު ހޭދައެއްކުރަމުންނެވެ. މި ސްކީމްގެ ބޭނުން ބައެއް ސަރުކާރުތަކުން އިންތިޚާބުތަކާއި، ސިޔާސީ ބޭނުމުގައި ނަހަމަގޮތުގައި ކުރާކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!