ފުޓްބޯޅަގެ ރަން ތާރީޚެއް އޮތް ކ. ހުރާގައި، ގާތްގަނޑަކަށް 25 އަހަރުގެ މެދުކެނޑުމަކަށް ފަހު ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.

''އިލަވެން ސައިޑު'' އަށް ކުޅޭ މި މުބާރާތް އިއްޔެ ފަށާފައިވާއިރު، މި މުބާރާތަކީ އެރަށު ބެލެސިމޯ ސްޕޯޓްސް އިން އިންތިޒާމް ކޮށް އެރަށު ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

Ad
rt

''ބެލެސިމޯ ސްޕޯޓްސް ފުޓްބޯޅަ މުބާރާތް 2025''ގެ ނަމުގައި ހުރާ ރަސްމީ ބޮޑު ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފެށި މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ، ގދ. އަތޮޅުގެ ރައީސް ހަސަން ފައިހަތު ޤުދުރަތު ﷲ އެވެ.

މިމަހުގެ 16 އިން 26 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި 6 ޓީމު ބައިވެރިވެއެވެ. އެއީ ޓީމް ޖޯކާސް، ޓީމް ބުލަޑަސް، ޓީމް ސުޕެއަރ ހަންޓަރސް، ޓީމް ފޯޓީ ޓޫ، ޓީމް ތުރީ ޑީ އަދި ޓީމް ރަންމާ އެވެ.

ހުރާގައި ބާއްވާ ''ބެލެސިމޯ ސްޕޯޓްސް ފުޓްބޯޅަ މުބާރާތް 2025''ގެ ފުރަތަމަ މެޗުގެ ފެށުމަށް ތައްޔާރުވެފައި، ފޮޓޯ: ހުރާ ބެލެސިމޯ ސްޕޯޓްސް

މި މުބާރާތް ހުޅުވުމަށް އިއްޔެ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ޓީމް ޖޯކާސް އަދި ޓީމް ބުލަޓްސް އެވެ. މި މެޗު 4 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޓީމް ޖޯކާސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ މި މެޗުގައި ވަރަށް ރަނގަޅު ކުޅުމެއްދައްކައި، ގިނަ ލަނޑުތަކެއް ޖެހުމުގައި އެހީތެރިވި ޓީމް ޖޯކާސްގެ ޖާރޒީ ނަންބަރ 11 ހަސަން އަޒޫމް އަލީއެވެ.

ހުރާގެ ޒުވާނުންނަށް އަމާޒުކޮށްގެން ހުރާގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ހިންގައި ރޭވުމުގައި ހުރާގެ އެކިއެކި މުއައްސަސާތަކާއި، ހުރާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާއި، ގިނަ ޒުވާނުންގެ އިތުރުން ބައެއް ވިޔަފާރިވެރިންގެ ވެސް އެހީތެރިކަން ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ހުރާގައި ބާއްވާ ''ބެލެސިމޯ ސްޕޯޓްސް ފުޓްބޯޅަ މުބާރާތް 2025''ގެ ފުރަތަމަ މެޗުގެ ތެރެއިން، ފޮޓޯ: ހުރާ ބެލެސިމޯ ސްޕޯޓްސް

ވަރަށް ގިނަ އަހަރުތަކަކަށްފަހު ހުރާގައި މި ގާއިމް ކުރެވުނު ބޮޑު ދަނޑަކީ ޓާރފް އަޅައިގެން ތަރައްގީކޮށްފައިވާ، އަދި ވެސް މަސައްކަތްތަށް މުޅިން ފުރިހަމަނުވާ ދަނޑެކެވެ. އެހެންކަމުން މިމުބާރަތް ބޭއްވުމަށް ދަނޑުތައްޔާރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. މި މަސައްކަތްތަކަށް ރެޔާއި ދުވާލު ހޭލަތިބެގެން ގިނަ ބަޔަކު ވަރަށް ޖޯޝާ ފޯރީގައި އެހީތެރިކަން ފޯރުކޮށްދިންކަން މުބާރާތް އިންތިޒާމްކުރާ ބެލެސިމޯ ސްޕޯޓްސްއިން ފާހަގަކޮށްފަވެއެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މިއަދުގެ މެޗުގައި ބައްދަލު ކުރާނީ ޓީމް ފޯޓީ ޓޫ އާއި ޓީމް ސްޕެއަރ ހަންޓާސް އެވެ. ޓީމް ސްޕެއަރ ހަންޓާސްއަކީ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުރީގެ މައްސޫރު ކުޅުންތެރިއް ކަމުގައިވާ ޢިބުރާހިމް ނީޝާމް ކޯޗް ކޮށްދެމުން އަންނަ ހުރާގެ ކުރީގެ ގިނަ މަޝްހޫރު ފުޓްބޯޅަ ތަރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. އެ ތަރިންގެ ތެރޭގައި ހުރާ ޓީމުގެ ކުރީގެ ކަޕްޓަން އަބުދު ﷲ އިބުރާހިމް (ހުރާ އަބުޅޯ)، އަލީ ޝިހާމް، މައުސޫމް، އިމާދު، ފަޔާޒު، ސަމާއު(ސަމަރޫ) ހުސެން ފަހީމް، އަރީސް(ކީޕަރު) އަދި އާދަމް ލަރީފް (ރޮނާޑޯ) ހިމެނެއެވެ.

ހުރައަކީ ރާއްޖޭގެ ފުޓްބޯޅައިގައި ދިރުން ހުރި ވަރުގަދަ ނަމެކެވެ. އެ ރަށުން ވަނީ ރާއްޖޭގެ ނަން މަޝްހޫރު އެތައް ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެދިފައެވެ.