ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް "ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް" ގެ ނަމުގައި މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުލާނުކޮށްފިއެވެ.
މި މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މި މުބާރާތް ބެހިގެންވަނީ ދެ މައިގަނޑު ގިންތިއަކަށެވެ. ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިންގ އަށް އައު ހައްލުތަކާ ގުޅޭގޮތުންނެވެ. މި ގިންތީގައި ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށް ބައިވެރިވެވޭނެއެވެ. މި ގިންތީގެ އިނާމުގެ ގޮތުގައި 30،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމާއި، ފަންޑިންގ އަދި މެންޓަރޝިޕް ފުރުޞަތުތައް ހިމެނެއެވެ.
ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މަޢުޟޫއަށެވެ. މި ބައިގައި ދިރާސާކުރާ ފަރާތްތަކާއި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށް ބައިވެރިވެވޭނެއެވެ. މި ގިންތީގައި ވާދަކުރާ ފަރާތްތަކަށް 100،000 ރުފިޔާގެ ފަންޑަކަށް ވާދަކުރެވޭނެއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ހުށަހެޅުންތައް ހުންނަންވާނީ ދިވެހިރާއްޖޭގެ ޙާލަތާ ގުޅޭ އަދި މުބާރާތުގެ މައުޟޫޢުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެމްއެމްއޭގެ މުވައްޒަފުންނާއި އެމްއެމްއޭގެ ޕާޓްނަރުންނަކަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.
މި މުބާރާތަކީ އެމްއެމްއޭއިން އިންތިޒާމުކުރާ ތަމްވީލް ފިންލެޓް ފެސްޓިވަލުގެ ބައެކެވެ. މި ފެސްޓިވަލުގައި އިމްޕެކްޓް ޕިޗް ޗެލެންޖުގެ އިތުރުން ފިންލެޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، ފިއުޗަރ ފައިނޭންސްގެ މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް އަދި ކުރު ވީޑިއޯ މުބާރާތް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!