ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވާލެއްގެ މައްޗަށް 88.9 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ، އެންމެ ބޮޑު އޮންލައިން ގޭމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ "ރޯބްލޮކްސް" އަކީ މިއަދު ކުޑަކުދިންގެ މެދުގައި އެންމެ މަޤްބޫލު އެއް ގޭމެވެ. ވަރަށް އަވަހަށް ދެވި ހިފާ މިގޭމް އެންމެ ގަދައަށް ކުޅެމުން އަންނަނީ ވެސް ކުޑަކުދިންގެ މެދުގަ އެވެ.

އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަމާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ގަތަރުގައި މިފަހަކުން ވަނީ އެ ގޭމަށް ނުވަދެވޭހެން ބުލޮކް ކޮށްފަ އެވެ. މީގެ ކުރިން ޗައިނާ، ތުރުކީ އަދި އޮމާން ފަދަ ބައެއް ގައުމުތަކުން އެ ޕްލެޓްފޯމް މަނާކޮށްފައިވެއެވެ.

Ad
rt

މީގެ ދެދުވަސް ކުރިން، "ކުޑަކުދިންގެ ރައްކާތެރިކަމާއި އިސްލާމީ އަގީދާއާއި ފުށުއަރާތ،ީ ރޯބްލޮކްސް ޤަތަރުން ވެސް ބްލޮކްކޮށްފި" މި ސުރުހީއަށް "ތިލަދުން" އިން ގެނެސްދިން ޚަބަރަށް ގިނަބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ގިނަ އަދަދެއްގެ ބަޔަކު މި ޚަބަރު މީސްމީޑިއާގެ މަންސަ ތަކުގައި ހިއްސާކޮށްފައިވާއިރު ގިނަ ބެލެނިވެރިން ވަނީ ރާއްޖޭގައިވެސް މި ގޭމް ބުލޮކް ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ މި ގޭމްގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކެވެ. ގިނަ ބެލެނިވެރިން ކޮމެންޓް ކުރަމުން އެމީހުންގެ ދަރިން މިއަށް ދެވިހިފާފައިވާ މިންވަރު ބަޔާންކޮށްފައިވެއެވެ. އަދި ވީހާވެސް އަވަހަކަށް ރާއްޖޭގައިވެސް މި ގޭމް ބޮލޮކް ކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

އޮންލައިން ގޭމިންގ ޕްލެޓްފޯމްގައި ކުޑަކުދިންނަށް ގެއްލުންހުރި ގިނަ ކަންތައްތަކެއް ހުރިކަން ގިނަ ބެލެނިވެރިން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި އޮންލައިން ޗެޓް މެދުވެރިކޮށް އެކި ބާވަތުގެ ގޯނާކުރުމާއި، ކުޑަކުދިންގެ އުމުރާއި ނުގުޅޭ ނުރައްކާތެރި މުޢާމަލާތްތަކާއި، އަދި އިސްލާމް ދީނާއި ހިލާފު ކޮންޓެންޓް ހިމެނޭކަމަށް ބުނެފައިވެއެވެ.

ގިނަ މައިންބަފައިން ވަނީ މި ގޭމްގެ ސަބަބުން އެމީހުންގެ ދަރިންގެ ކިޔެވުމަށް އަސަރުކުރާކަމާއި، ގޭމަށް ދެވިހިފާކަން ފާހަގަކޮށްފައެވެ. އަދި ބައެއް ކުދިން މި ގޭމްގައި ހޭދަކުރާ ވަގުތު ގިނަވުމުގެ ސަބަބުން އިޖްތިމާޢީ ގުޅުންތަކަށް ހުރަސްއެޅި، ނިދުމުގެ ވަގުތަށްވެސް އަސަރުކުރާކަން ފާހަގަކުރެވެއެވެ.

ރޯބްލޮކްސްގައި ހުންނަ "ރޮބަކްސް" ގަތުމަށް ކުޑަކުދިން ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކުރަމުންދާކަން ފާހަގަކުރެވެއެވެ. ބައެއް ހާލަތްތަކުގައި މައިންބަފައިންގެ ނޭނގުމުގައި ކްރެޑިޓް ކާޑު ބޭނުންކޮށްގެން މި ގޭމްގައި ފައިސާ ހޭދަކުރާ މައްސަލަތައްވެސް ފާހަގަކުރެވިފައިވެއެވެ. ރޯބްލޮކްސްގައި ކުޑަކުދިން އެހެން ބޭނުންކުރާ ފަރާތްތަކާ މުޢާމަލާތްކުރުމުގެ ފުރުސަތު އޮތުމަކީ ސަލާމަތީގޮތުން ކަންބޮޑުވާންޖެހޭ ކަމެކެވެ. ބައެއް ފަހަރު ނުބައި ނިޔަތުގައި ބޮޑެތި މީހުން ކުޑަކުދިންނާ ގުޅުން ބަދަހިކޮށް، އެކުދިންގެ ކިބައިން އަމިއްލަ މަޢުލޫމާތު ހޯދަން މަސައްކަތްކުރާކަން ފާހަގަކުރެވިފައިވެއެވެ.

ރޯބްލޮކްސް ބްލޮކްކުރުމަށް ރާއްޖޭގައިވެސް އަޑުއުފުލަމުންދާއިރު، ގިނަ ބެލެނިވެރިންނަށް މިގޭމާއި ގުޅޭ ރަނގަޅު މަޢުލޫމާތު ނުލިބޭކަން ފާހަގަ ކުރެވެއެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދަރިން ގިނަ ވަގުތު ހޭދަކުރާ އެޕްތަކާއި ގޭމްތަކުގެ މަޢުލޫމާތު ހޯދަން ޖެހެއެވެ.

މި ގޭމް ރާއްޖޭގައިވެސް ބްލޮކްކުރުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް މިކަމުގައި މައިންބަފައިންގެ ދައުރު މުހިންމުވެފައި، ކުޑަކުދިންގެ އޮންލައިން ހަރަކާތްތައް މޮނިޓަރކޮށް، އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަކީ ބެލެނިވެރިންގެ ވެސް ޒިންމާއެކެވެ.