ބ. ދަރަވަންދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ 12 ވަނަ މަންޒިލުގެ ގޮތުގައި ދަރަވަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ދަރަވަންދޫގައި ޤާއިމުކުރެވިފައިވާ އެއަރޕޯޓަކީ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓްކަމަށެވެ.

Ad
rt

ނަމަވެސް، އެއަރޕޯޓްގެ ތަރައްޤީއަށް އެދެވޭ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

"ޤާނޫނާއި ޤަވާއިދުގެ ތެރެއިން އައިލަންޑް އޭވިއޭޝަން ސަރވިސަސްއާ ހަވާލުކުރައްވައިގެން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ" ރައީސް ވިދާޅުވެފަވެއެވެ.

ދަރަވަންދޫގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން، ބ. އަތޮޅު މަދަރުސާގެ 8 ކްލާސްރޫމާއި، އޮފީހާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޭގެ ޖަލްސާގައި ސޮއިކޮށްފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން ރަށުގެ ތަޢުލީމީ ޙަޔާތް އައު ހަރުފަތަކަށް ގެންދެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރަށުގެ ޞިއްޙީ ދާއިރާއަށާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ތަރައްޤީގެ މުހިންމު ކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި މަގު ހެދުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ރަށަށް އިތުރު ފައިދާ ލިބޭނެ ފަސޭހަތައް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާފައިވެއެވެ.

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް ހުޅުވައި ދަތުރުތައް ފަށާފައި ވަނީ 17 އޮކްޓޯބަރ 2012 ގައެވެ. އެތަން އޮޕަރޭޓް ކުރަމުން އަންނަނީ ޤައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ލިމިޓެޑުންނެވެ.