ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. ކިހާދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް މުޢިއްޒު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ 10 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ވަޑައިގެންނެވި ކިހާދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވައި، ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ކިހާދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބޭނެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރާއި ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ކިހާދޫއަކީ މިއަހަރު އޭޓީއެމް ޤާއިމްކުރެވުނު 45 ވަނަ ރަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅު އަދި ކ. އަތޮޅު ހިމެނޭ ގޮތަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!