13 ޖުލައި 2025 ދުވަހުގެ ރޭ ވެރިރަށް މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު ވަނީ މި ފަނާވަނިވި ދުނިޔެއިން ވަކިވެފައެވެ.
އަލްސަން ވަކިވެ ދިޔުމަކީ އަލްސަންގެ މަންމައާއި ބައްޕައާއި ރައްޓެހިންނާއި ޢާއިލާ ހިމެނޭހެން ހެޔޮއެދޭ އެތައް ބަޔެއްގެ ދެލޯ ކަރުނުން ފުރުނު ކަމެކެވެ. އަލްސަން ވަކިވެ ދިޔުމުގެ ހިތްދަތި ހަނދާންތައް އަދިވެސް އެ ހިތްތަކުގައި ވަނީ ބިންވަޅުނެގިފައެވެ. އަލްސަން ވަކިވުމަށް މިއަދު މަހެއް ފުރޭއިރު، އަލްސަންގެ މަންމަ އަޝްފާ މިއަދު ވަނީ މީސްމީޑިއާގައި އަސަރުންފުރިގެންވާ ޕޯސްޓެއްކޮށްފައެވެ.
17 އަހަރުގެ އަލްސަން ވަކިވުން ހަނދުމަކޮށް އަޝްފާ ލިޔެފައިވާ ގޮތުގައި އަލްސަންގެ ވަކިވުމަކީ މަންއަށާއި، ބައްޕައަށް އުފުލޭ ވަރަށްވުރެ މާ ހައިބަ ބޮޑު ހިތްދަތިކަމެއް ކަމަށެވެ. އަދި މި ހިތާމަތަކާއި ރިހުންތަކަށް ކިރިޔާވެސް ލުޔެއް ލިބިގެން ދަނީ މާތްﷲ އާއި ދަރިފުޅު ދެކެ ވާ ލޯބީގެ ޙައްޤުގައި ކުރާ ނަމާދާއި، ދުޢާއާއި ޒިކުރުތަކާއި ކީރިތި އާޔަތްތަކުގެ އެހީއާއި މަދަދުން ކަމަށް އިހްސާސްކުރެވޭ ކަމަށް އަޝްފާ ބުނެފަވެއެވެ.
''ތިޔައީ މަންމައާއި ބައްޕަގެ މުޅި ދުނިޔެ، މި ލޯތަކުން ކަރުނަފޫދެނީ ދަރިފުޅުދެކެވާ އިންތިހާދަރަޖައިގެ ލޯތްބަށްޓަކައި، މި ނޭވާތައް ހިނގަނީ ދަރިފުޅަށްޓަކައި، މި ނިތްތައް ތިރިވަނީ ތިޔަ ޙައްޤުގައި، ހަމަ ދަރިފުޅަށްޓަކައި، މި އަތްތައް އުފުލެނީ ދަރިފުޅަށްޓަކައި، މި ދޫތައް ޙަރަކާތްތެރިވަނީ ދަރިފުޅުގެ އާޚިރަތް ބާއްޖަވެރި ވުމަށްޓައި، ދަރިފުޅަކީ މަންމަޔާ ބައްޕަޔަށް الله سُبْحَانَهُ وَتَعَالَى ދެއްވި އަމާނާތެއް، އަނބުރާ ގެންދެވިފާ ތިޔަވަނީ އެކަލާނގެ ޙަޟްރަތަށް، އެކަލާނގެ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވޭ.'' އަޝްފާ ލިޔެފަވެއެވެ.
އަލްސަންގެ މަންމަ އަޝްފާ އާއި ބައްޕަގެ ދުޢާއަކީ ބަރުޒަޚްގެ ޢާލަމަކީ އަލްސަންއަށް ރައްކާތެރި އަމާން ތަނަވަސް، ފިނިކަމާއި އަލިކަން ލިބިގެންވާ ތަނެއްކަމުގައި ވުމާއެކު، މަރްޙޫމްގެ އެންމެހާ ކުށްފާފަތައް ފުއްސަވައި، ސުވަރުގޭގެ ދާއިމީ ރަޙްމަތާއި ނިޢުމަތުގައި ލެއްވުންކަމަށް އަޝްފާ ލިޔެފައިވެއެވެ.
ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު
''ދަރިފުޅާ އެކު ސުވަރުގޭގާ ވުމަށްޓަކާ މިދަނީ ތާއަބަދު ގަދައަޅާ މަސައްކަތް ކުރަމުން، ވަރަށް ވަރަށް ވަރަށް ލޯބިވޭ އަލްސަން ދަރިފުޅާ، اللّهُمَّ، اغْفِرْ لَهُ وَارْحَمْهُ، وَعَافِهٍ وَاعْفُ عنْه'' ނިންމާލަމުން އަޝްފާ ލިޔެފަވެެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!