ފަތުރުވެރިކަމުން އާމްދަނީ ހޯދުއިދިނުމަށް ބ.ފުޅަދޫ ކައުންސިލަށް އެ އަތޮޅު އިންނަފުށި ހަވާލުކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ހޯމަ ދުވަހު ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަޒްޒިލްގެ ގޮތުގައި ރޭ ވަނީ ފުޅަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރަށުގެ ތަރައްޤީގައި މިވަގުތު އެންމެ ބޮޑު ޙިއްޞާއެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެގޮތުން، ބ. އިންނަފުށި ބެލެހެއްޓުން ހަރުދަނާކޮށް، ބ. ފުޅަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓާ ދެމެދު، ރަނގަޅު ފެންވަރުގެ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް ބ. ފުޅަދޫގެ ކައުންސިލާ ބ. އިންނަފުށި ހަވާލުކުރަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ފުޅަދޫގެ އަސާސީ ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. އެގޮތުން، ފުޅަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މި އޯގަސްޓް މަހުގެ ތެރޭގައި ފެށި، އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ރޭވިފައިވާކަން ޢިއުލާން ކުރަށްވަމުން، މީގެ ތެރޭގައި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއް އަދި އައު މިސްކިތެއް ޢިމާރާތްކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ލެބޯޓްރީގެ ޚިދުމަތް މި އަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވަނީ ބ. ފުޅަދޫގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވައި، އެކަމުގެ ނަފާ ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!