ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލްގެ ގޮތުގައި މިއަދު ފެހެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

Ad
rt

ފެހެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ އިޚްލާޞްތެރިކަމާއެކު ފުއްދަވައިދެއްވުމަށް ޢަޒުމު ކަނޑައަޅުއްވައިގެން ވެވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ. އަދި ރަށެއްގެ ކުޑަބޮޑުމިނަށް ބެއްލެވުމެއްނެތި، ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.

ފެހެންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މައްސަލަކަން ފާހަގަކުރައްވައި، ހުއްޓިފައިވާ މި މަޝްރޫޢުތައް އަވަސް ދުވެއްޔެއްގައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެއިތުރުން، ފެހެންދޫ ސްކޫލްގައި މެދު މަދަރުސީ އަދި އެއަށްވުރެ މަތީ ގްރޭޑްތަކަށް ކިޔަވައިދޭނެ ޓީޗަރުން ހޯދުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ސިއްޙަތާއި ހަށިހެޔޮކަމާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް މި އަހަރާއި އަންނަ އަހަރަށް ރޭވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި، ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗު އާކުރުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

އެރަށުގެ ލަފާފުރުމުގެ ދަތިކަމާއި ރަށްގިރުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފެހެންދޫގައި ރަސްމީކޮށް ފައްޓަވައިދެއްވުމާއި، ފެހެންދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވައިދެއްވާފައިވެއެވެ.