ބ. ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވަނަ މަންޒިލުގެ ގޮތުގައި މިއަދު ގޮއިދޫއަށް ވަޑައިގެން، ގޮއިދޫ ސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ރަށާ ގުޅުންހުރި ރިޔާސީ ވަޢުދުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މިގޮތުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި މަހު ޓެންޑަރކޮށް، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމަށާއި، އިންޖީނުގޭގެ މައްސަލަތައް ހައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫޢެއްވެސް މި އަހަރު ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ސްކޫލްގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިންމަވައިދެއްވުމަށްފަހު، ދެވަނަ ފިޔަވަހީގެ ގޮތުގައި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާއަށް ބަލާއިރު، ގިނަ ވަސީލަތްތައް ހިމެނޭ ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނެއެވެ.
ކުޅިވަރުގެ ދާއިރާއަށް އަމާޒުކޮށް، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފުލް ސްކޯޕް ފުޓުބޯޅަ ދަނޑެއްގެ އަމަލީ މަސައްކަތް ފެއްޓެވުމާއެކު، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ މަސައްކަތްވެސް މި އަހަރު ތެރޭ ފައްޓަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން އިކޯ ޓޫރިޒަމްގެ މަސައްކަތް މި އަހަރު ތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީކުރުމުގެ ބިޑް އެވޯޑުކޮށް، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން ގޯތި ދޫކުރުމަށް ސަރުކާރުން ދޭންޖެހޭ ހުއްދަތައްވެސް ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!