ބ. އޭދަފުށީގައި އަލަށް ގާއިމުކުރެވުނު އިމިގްރޭޝަން އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭދަފުށީގައި ފުރަތަމަ ޕާސްޕޯޓު ހެއްދި ފަރާތާ ޕާސްޕޯޓު ޙަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިއީ މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ޚިދުމަތް ފެށުނު 11 ވަނަ އަތޮޅެވެ.

Ad
rt

ރައީސް އޭދަފުށީ އިމިގްރޭޝަން އޮފީސް ހުޅުވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިތުރު މުހިންމު ގިނަ ކަންތައްތަކެއް ވަނީ ފައްޓަވައިދެއްވާފައެވެ. މީގެ ތެރޭގައި ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފެށުމާއި، ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުން ހިމެނެއެވެ.

މީގެއިތުރުން، އޭދަފުށީގެ ތަރައްޤީއަށް އިތުރު ފިޔަވަޅުތަކެއް އެޅިގެން ގޮސްފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރެވިފައެވެ.

މި ހުރިހާ މަޝްރޫޢުތަކަކީވެސް އޭދަފުށީގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.