ރާއްޖޭގެ އެކި ރަށްރަށުގައި ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލްގެ ގޮތުގައި އެ އަތޮޅު ވެރިރަށް އޭދަފުއްޓަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، ހިއްކާފައިވާ ސަރަހައްދުތަކަށް އަސާސީ ޚިދުމަތްތައް ނުލިބި ދިގު މުއްދަތެއް ވެފައިވާ މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާހަގަކުރެވޭ މައްސަލައެއް ކަމަށެވެ.
"މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ، ދުވަސްވީ މައްސަލައެއް. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް ނިއު ޕޮލިސީ އިނީޝިއަޓިވެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، ވަކި ތަރުތީބަކުން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.
އޭދަފުށީގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން، 1000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތް މި އަހަރު ފައްޓަވައި، މި ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށާއި، ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މި އަހަރުގެ ތެރޭގައި ޔޫ.އެސް ޑޮލަރުގެ ޚިދުމަތްދޭ އޭޓީއެމްއެއް ޤާއިމުކޮށްދެއްވާނެ ކަމަށާއި، އަލަށް ގޯތި ދޫކުރާ ސަރަހައްދަށް އެކްސްޓެންޝަން ހިމެނޭ ގޮތަށް، ރަށުގެ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް މި އަހަރާއި އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަމަމިއާއި އެކު އޭދަފުށި ހިމެނޭގޮތަށް، ކޮންވެންޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ފައްޓަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ރައްޔިތުންނަށް ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!