ބ. އަތޮޅު ކެންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި ޚިދުމަތް އިފްތިތާޙްކުރެއްވީ ރައީސް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
56.26 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި ފެން ޕްލާންޓް ބެހެއްޓުމަށް ޚާއްޞަ އިމާރާތެއް ޤާއިމްކޮށް، ފެނުގެ މައި ނެޓްވޯކް އަޅައި، އަދި ރަށުގެ ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
ފެނުގެ ނިޒާމުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓް ބެހެއްޓުމާއި، ބޯހޯލް ތޮރުފުމާއި، ރިޖެކްޓް ލައިން އެޅުން ހިމެނެއެވެ. އަދި ފެން ރައްކާކުރުމަށް ބޭނުންވާ ފެން ތާނގީތައްވެސް ވަނީ ބަހައްޓާފައެވެ.
ނަރުދަމާގެ ނިޒާމުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާގެ މައި ނެޓްވޯކާއި ޕަންޕިންގ ލައިން އެޅުމާއި، ޕަންޕިންގ ސްޓޭޝަން ޤާއިމްކުރުމާއި، ސީ އައުޓްފޯލް އެޅުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލުކުރުމަށް ބޭނުންވާ ސާމާނާއި، ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްވެސް ފޯރުކޮށްދޭނެއެވެ.
މި މަޝްރޫޢަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!