ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސަރވޭގެ މަސައްކަތަށް އެނުއުމަރޭޓަރުން ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މި މަސައްކަތަށް 10 އެނުއުމަރޭޓަރުން ހޯދުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސައްކަތުގެ މުއްދަތަކީ އެންމެ ގިނަ ވެގެން 10 (ދިހަ) ދުވަސް ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެނުއުމަރޭޓަރުންނަށް އެންމެ އެކަށީގެންވާ ވަގުތެއްގައި އެ ފަރާތްތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

Ad
rt

އެގޮތުން ސަރވޭގައި ފުރާ ކޮންމެ ފޯމްއަކަށް 40 ރުފިޔާގެ އުޖޫރައެއް ލިބޭގޮތަށް ހަމަޖެހިފައިވާ މި މަސައްކަތުގެ މަސްއޫލިއްޔަތުތަކަކީ، ކަނޑައެޅިފައިވާ ގޭގެއަށް ޒިޔާރަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލުބެލުމުގެ ސަރވޭ ފޯމު ފުރިހަމަކުރުމާއި، ފޯމުތައް ކެޓަގަރައިޒްކޮށް، ސަރވޭއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ފުރިހަމަކުރުމުގެ އިތުރުން ސިޓީ ކައުންސިލް އިދާރާއިން ހަވާލުކުރާ ސަރވޭއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުންކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ އަސާސީ ޝަރުޠުތަކުގައި ހިމެނޭ ކަންކަމަކީ، ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވެފައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބި، ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން ދަންނަ ފަރާތެއް ކަމުގައިވެފައި ފޯރމް ފުރުމާ ޑޭޓާ އެންޓްރީ ފަދަ އިދާރީ މަސައްކަތް ކުރަން އެނގޭ ފަރާތެއް ކަމުގައިވުންކަމަށެވެ.

އެހެންކަމުންމި ޝަރުތުތައް ހަމަވާ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަ ކޮށްފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސަރވޭގައި އިނުއުމަރޭޓަރަށް ވުމަށްއެދި ހުށައަޅާ ފޯމު" https://shorturl.at/4oXEQ މެދުވެރިކޮށް ފުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން އެ ފަރާތެއްގެ ވަނަވަރާއި (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ 18 އޮގަސްޓް 2025 ގެ 14:00 ގެ ކުރިން hr@kulhudhuffushicity.gov.mv މެދުވެރިކޮށް ހުށަހެޅުމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސިޓީ ކައުންސިލް އިދާރާގެ ނަންބަރު، 6527185 އަށް ގުޅުއްވުން އެ އިދާރާއިން އެދިފައިވެއެވެ.