މާޅޮސްމަޑުލު ދެކުނުބުރި (ބ.އަތޮޅު) ކަމަދޫ މީގެ ކުރިން ތަރައްޤީގެ ލިސްޓުގައި ފަހަތުގައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން އެރަށު ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މިއަދު ވަނީ ބ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ދަތުރުފުޅެއް ފައްޓަވަވާފައެވެ. މި ދަތުރުފުޅުގައި މިއަދުގެ ފުރަތަމަ މަންޒިލެއްގޮތުގައި ރައީސް ވަޑައިގެންނެވީ އެ އަތޮޅު ކަމަދޫ އަށެވެ.

Ad
rt

އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެރަށް ބާކީކުރެވި ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިކަން އަމަލީ ގޮތުން ވެސް ސާބިތުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހިންގަވާނެ މުހިންމު މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ކުޅިވަރުގެ ދާއިރާއިން ފުޓުބޯޅަދަނޑުގެ މަސައްކަތްތައް ހިމެނެއެވެ.

ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ ރަށެއްގެ ގޮތުގައި ކަމަދޫ ފާހަގަކުރައްވަމުން، ރައީސް ވަނީ ރަށުގެ މަގުހެދުމުގެ މަޝްރޫޢު ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ބަނދަރު ހެދުމުގެ މަސައްކަތް ފުރިހަމަކޮށްދެއްވުމާއި، ގިރާ ސަރަޙައްދުގެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ ކަމަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށްފަހު އެރަށަށް ރަސްމީ ހައިސިއްޔަތުން ރައީސަކު ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ.