ބ.އަތޮޅު (މާޅޮސްމަޑުލު ދެކުނުބުރީ)ގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވެސް ރައީސް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ރަށްތަކަކީ، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، އެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަކީ މި ދަތުރުފުޅުގެ މައިގަނޑު އެއް މަޤްޞަދުކަން ރައީސް އޮފީހުން ފާހަގަކޮށްފަވެއެވެ.
މީގެއިތުރުން ރައީސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބެއްލެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!