މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ރަސްމީ ރިޒާވް އަންނަ އަހަރު 903 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ލަފާކޮށްފިއެވެ. މި އަންދާޒާ ހާމަކުރީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާރު ރަސްމީ ރިޒާވްގައި ހުރީ 838.6 މިލިއަން ޑޮލަރެވެ. މިދިޔަ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރީ އެންމެ 673.9 މިލިއަން ޑޮލަރެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ އަހަރު އިގުތިސާދީ ދުވެލި ހުންނާނީ 5.3 އިންސައްތައިގައެވެ.

Ad
rt

އިގުތިސާދީ ކުރިއެރުމަށް ބަލާއިރު، އަންނަ އަހަރާއި 2028 ވަނަ އަހަރާ ދެމެދު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވްރެޖްކޮށް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ 4.9 އިންސައްތައިގައެވެ. މި ކުރިއެރުން ލިބޭނެ ކަމަށް ބެލެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެއްކޮށް ހުޅުވުމާ އެކު، އަދި ސަރަހައްދީ އެއާޕޯޓުތައް ތަރައްގީކުރުމުން ފަތުރުވެރިކަމުގެ ސިނާއަތާއި އެ ނޫން ދާއިރާތައް ވެސް ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭތީއެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 39.9 ބިލިއަން ރުފިޔާ (ޖުމުލަ ބަޖެޓުގެ 62 އިންސައްތަ) ހިމަނާފައިވަނީ ހިންގުމުގެ ޚަރަދަށެވެ. މީގެ އިތުރުން، ދަރަނި އަނބުރާ ދައްކަން 9.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ބަޖެޓުގެ ދަރަނި ފޫބައްދަން، އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް އަންދާޒާކުރެވޭއިރު، އޭގެ ތެރެއިން 16.8 ބިލިއަން ރުފިޔާ ހޯދަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ. މި ބަޖެޓު ފާސްވެ، ރާވާފައިވާ ގޮތަށް އިގުތިސާދީ ދުވެލި ކުރިއަށް ދާނަމަ، ރަސްމީ ރިޒާވް އިތުރުވެ، އިގުތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.