ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާތަކަށް ހިނާޔާތްތެރިވި މައްސަލާގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ބައްސާމްގެ ކުރިން ޖަލަށްލީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް, ބޭނުންކުރި މައްސަލާގައި ހިޔާނާތުގެ ކުށް ސާބިތުވުމުންނެވެ.

Ad
rt

މިއަދު ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެ ފައިސާތައް ބައްސާމްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ލޯންޑާކޮށްފައިވާތީ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވުމުންނެވެ. އެހެންވެ, އިތުރު ފަސް އަހަރަށް ބައްސާމް ޖަލަށްލުމާއެކު, 154,000ރ. އިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފަ އެވެ.

އެހެންކަމުން ބައްސާމްގެ މައްޗަށް ޖުމްލަ ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވަނީ އައިސްފަ އެވެ.

ބައްސާމްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު, އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އޭނާއަށް އިތުރު ދައުވާތަކެއް ވަކިން ކުރެ އެވެ. އެ މައްސަލަތަކާ ގުޅިގެން، އޭނާ ހުޅުމާލެއިން ގަނެފައިވާ ޕެންޓްހައުސްތަކެއް މިދިޔަ އަހަރު ވަނީ ހިފަހައްޓައިފަ އެވެ.