ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން "ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް" ނިންމި ނިންމުމާ ގުޅިގެން ހޮނިހިރު ދުވަހު (މިއަދު) މެންދުރުފަހު އދ. ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިސްރާއީލްގެ މި ނިންމުން ފުޅާދާއިރާއެއްގައި ކުށްވެރިކުރުމާއެކު މި ކުއްލި ބައްދަލުވުން ބާއްވަން އެދިފައިވަނީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޑެންމާކް، ގްރީސް އަދި ސްލޮވީނިއާގެ ޕަރމަނަންޓް މިޝަންތަކުންނެވެ.
މި ބައްދަލުވުން ބޭއްވުމަށް ސެކިއުރިޓީ ކައުންސިލްގެ މިހާރުގެ ޗެއަރ ކަމުގައިވާ ޕެނަމާ އަދި އެމެރިކާ ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ ތާއީދުކޮށްފައެވެ.
މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ، އެތަނުގައި ވަކި ވެރިކަމެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކުރީ އިއްޔެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލީ މަރުގެ ހަނގުރާމައިގައި 6 އޯގަސްޓް 2025ގެ ނިޔަލަށް ދުވެގެން 61,258 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 152,045 މީހުން ޒަޚަމްވެފައިވާކަމަށް 7 އޯގަސްޓް 2025 ގައި ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ. މި މުއްދަތުގައި އިސްރާއީލްގެ އުދުވާނުގެ ސަބަބުން ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލި ވަނީ މަގުމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!