އިސްރާއީލުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ގޭތަކަށް އިސްރާއީލް ސިފައިން ރޭގަނޑު ވަދެ އެރަށްޔިތުންގެ މުދަލާއި ފައިސާ ފޭރުން އިތުރުވެފައިވާކަމަށް ހާރެޒް ނޫހުގެ ރިޕޯޓެއްގައި ބުނެފިއެވެ.
މި ރިޕޯޓްގައިވާ ގޮތުގައި ފާއިތުވި މަސްތަކުގައި އިސްރާއީލު ސިފައިން އޮކިއުޕައިޑް ވެސްޓް ބޭންކުގައި ރޭގަނޑު ރެއިޑްތައް ކުރުމުގައި ފަލަސްތީނުގެ ގޭގެއިން ވައްކަންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރޭގަނޑުގެ އޮޕަރޭޝަންތަކުގައި ސިފައިން ވަދެގަންނަ ގޭގެއިން ފައިސާއާއި، ގަހަނާއާއި އަދި އަމިއްލަ ތަކެތި ވަގަށް ނަގާތަން ފެނިފައިވެއެވެ. މިކަންކުރަމުން އިސްރާއީލް ސިފައިން އާންމުކޮށް ބުނަނީ މުދާ އަތުލުމުގެ ހުއްދަ އެމީހުންނަށް ލިބިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ވައްކަމާއި ލޫޓްވުން ވަނީ އިތުރުވެގެން ގޮސްފައެވެ.
އެ ރިޕޯޓްގައި ވަނީ އިސްރާއީލް ސިފައިން ލޫޓްވާލި ބައެއް ގޭގެ މީހުންނަށް ދިމާވި ހިތްދަތި ހާލަތުގެ ވާހަކަތައް ވެސް ހިމަނާފައެވެ. އެ މީހުން އަސަރާއެކު ވަނީ އެމީހުން އުމުރުދުވަހު ކުރި މަސައްކަތް ލޯކުރިމަތީ ލޫޓްވާލިގޮތް ހިއްސާކޮށްފައެވެ.
މިގޮތުން އެ ރިޕޯޓްގައި ގެނެސްފައިވާ އެއް ހާދިސާއަކީ ފަލަސްތީންގެ ރާމަﷲގެ ކައިރީގައިވާ ކަފުރު މާލިކު ރަށުގައި ހުރި ގެއަކަށް އިސްރާއީލު ސިފައިން ފަތިހު 4:00 ގައި ވަދެ، ފޭރުމާއި ވައްކަމުގެ ޢަމަލު ހިންގި ހާދިސާއެވެ. އެގޭގައި އުޅޭ އެމީހުންނަށް ދިމާވި ނުރައްކާތެރި ތަޖުރިބާ ފަލަސްތީނުގެ އެ ޢާއިލާއިން ވަނީ އަސަރާއެކު ހިއްސާކޮށްފައެވެ. މިގޮތުން އިސްރާއީލް ސިފައިން އެ ގޭގެ ދޮރު ވައްޓާލައިގެން ވަދެގަނެ ގެ ބަލައި ފާސްކޮށް، އެގޭގެ ހުރިހާ އެއްޗެއް ހަލާކުކޮށްލިއެވެ. އިސްރާއީލް ސިފައިން އެގޭ ލޫޓްވާލުމަށްފަހު ވަނީ އެގޭގައި ހުރި 2،0000 ޝެކެލް (އިސްރާއީލް ފައިސާ) އާއި ކްރެޑިޓް ކާޑަކާއި އަދި އެ އާއިލާއިން ކޮޓަރީގައި ބުރުގާއެއްގެ ތެރޭގައި ރައްކާކޮށްފައި ހުރި އަގުބޮޑު ގަހަނާތައް ވަގަށް ވަނީ ގެންގޮސްފައެވެ. އަދި ހައިރާންކުރުވަނިވި ގޮތަކަށް، އެ އާއިލާގެ ކާރުވެސް ގެންދިޔައެވެ.
އެ އާއިލާއިން ބުނާ ގޮތުގައި އިސްރާއީލް ސިފައިން ދިޔައިރު، އަޑުގަދަކޮށް ލަވަކިޔަމުން ދިޔަ އަޑުއިވުނެވެ. އެމީހުން މި ޢަމަލުގެ ސަބަބުން އެ ޢާއިލާގެ ނިކަމެތިކަން އިހްސާސްވެ ހިތާމަ އިތުރަށް ބޮޑުވިކަމަށް ބުނެފަވެއެވެ.
ގޭގެ ވެރިފަރާތުން ގެއްލުމުގެ ބޮޑުކަން ފާހަގަކުރަމުން ބުނީ، ވަގަށް ނެގި ތަކެތީގެ ތެރޭގައި 30 އަހަރު ކުރިން އޭނާގެ ފިރިމީހާ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދިން ގަހަނާއާއި އެހެނިހެން އަގުހުރި އާއިލީ ތަކެތި ހިމެނޭކަމަށެވެ.
މި ކަންބޮޑުވާންޖެހޭ ''ޓްރެންޑުން'' އުފެދޭ ސުވާލަކީ މިލިޓަރީ އޮޕަރޭޝަންތަކުގައި ފަލަސްތީނު މަދަނީ ރައްޔިތުންނާމެދު ޢަމަލުކުރާ ގޮތާއި، އަދި އިންސާނީ ޙައްޤުތަކަށް މިކަމުން ކުރާ ފުޅާ އަސަރާ ބެހޭގޮތުންނެވެ. ރިޕޯޓުތައް އިތުރުވަމުންދާއިރު، ޖަވާބުދާރީވުމާއި މަދަނީ މުދާ ރައްކާތެރިކުރުމަށް ގޮވާލުން މިހާރު ވަނީ ވަރަށް މުހިންމުވެފައެވެ.
މިފަދަ ރިޕޯޓްތައް އަލްޖަޒީރާ، ޔޫރޯ މިޑް-ހިއުމަން ރައިޓްސް މޮނިޓަރ އަދި މިޑްލް އީސްޓް މޮނިޓަރ ފަދަ ނޫސްތަކުގައި ވެސް ކުރިން ވަނީ ޝާޢިއުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!