ލާމަރުކަޒީ ޤާނޫނަށް ގެންނަން ފާސްކޮށްފައިވާ އިސްލާހްތަކާއި ދެކޮޅަށް ކޮމިޓީއެއް އުފެއްދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މި ކޮމިޓީ އުފެއްދުމަށް ނިންމީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން ފާސްކޮށްފައިވާ ބަދަލުތަކާއި ދެކޮޅަށް ކުރެވެން ހުރި ކަންކަން ދިރާސާކޮށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، އެބަދަލުތައް ގެނެސްފިނަމަ އެކަމުން ކައުންސިލަށާއި ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ކައުންސިިލުގެ މަސައްކަތް ރާވާ ތަރުތީބުކުރުމަށް ކަމަށެވެ.
އެގޮތުން މި ކޮމިޓީ އަކީ ކައުންސިލަރުންނާއި، އިދާރީ މުވައްޒަފުން ހިމެނޭހެން އުފެއްދުމަށް ނިންމާފައިވާ ކޮމިޓީއެއްކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހުވަނީ ލާމަރުކަޒީ ޤާނޫނަށް ގެންނަން ބުދަ ދުވަހު ފާސްކޮށްފައިވާ ބަދަލުތަކާމެދު މަޝްވަރާކުރުމުގެ ގޮތުން، މި ބަދަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށާއި، ސިޓީ ކައުންސިލަށާއި، ރައްޔިތުންނަށް ކުރާނެ ނޭދެވޭ އަސަރު މީޑިއާއަށް ހިއްސާކުރުމުގެ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
މި ނިންމުން ސިޓީ ކައުންސިލުން ނިންމާފައިވަނީ، ވިޔަފާރި ކުރުމަށާއި، މުވައްޒަފުން ނެގުމަށާއި ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގަން ކައުންސިލަށް ލިބޭ ބާރު ހަނިވާގޮތަށް އެ ޤާނޫނަށް ގެނައި ބަދަލާއި ދެކޮޅަށް މަސައްކަތްކުރުމަށްކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ.
މި އިސްލާހްތަކާއި ގުޅޭގޮތުން މި އިސްލާހްތަކަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މިއީ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކޮށް، އާންމު ވިޔަފާރިތައް ހިމާޔަތްކުރުމަށް އަމާޒުކުރެވިފައިވާ އިސްލާޙްތަކެއް ކަމަށެވެ.
ނަމަވެސް މި އިސްލާހްތަކާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީ އިސްވެ އޮވެ ގިނަ ކައުންސިލްތަކަކުން ވަނީ ބަޔާން ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!