ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާދަޔާ ޚިލާފު ކޮންގްރެސް އަންނަ އަހަރުގެ މެދުތެރެއަށް ފަސްކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފިއެވެ.
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ކުރިން ބާއްވަން ނިންމާފައި އޮތީ މި މަހު 15 ވަނަ ދުވަހުއެވެ.
ނަމަވެސް އެ ޕާޓީގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 48 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ވޯޓުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ފަހަށް، އަންނަ އަހަރުގެ މެދުތެރެއަށް އެ ޕާޓީގެ އާދަޔާ ޚިލާފު ކޮންގްރެސް ފަސްކުރަން ފާސްކޮށްފައެވެ.
މި ހުށަހެޅުން ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ. ތުޅާދޫ ދާއިރާގެ ރައީސް އަބްދުﷲ ސިރާޖު ވަނީ މި ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ.
އެމްޑީޕީގެ ނިންމުންތައް ނިންމާ އެންމެ އިސް އެއް ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުން މި ގޮތަށް ނިންމީ، ޕާޓީގެ މުޅި އަމާޒު މި ވަގުތު އަންނަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކުރުމަށް ބެހެއްޓުމަށްޓަކައިކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ނިންމުން ނިންމާފައިވަނީ އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓަށް ފެކްޝަންތަކުގެ ވާދަވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!