ކ. ޒަމާނީ ރިސޯޓް ކައިރިން ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި، އެ ޑިންގީގައި ދަތުރުކުރި 17 ބިދޭސީން މިރޭ ސަލާމަތްކޮށްފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި، އެ ޑިންގީ ބަންޑުން ޖަހާލުމާއި ގުޅިގެން އެކަމުގެ ރިޕޯޓް މިރޭ އެ އިދާރާ އަށް ވަނީ ލިބިފައެވެ.

Ad
rt

ޑިންގީ ބަންޑުން ޖަހާލުމުން އޭގައި ތިބި 3 މީހަކު ފަތައިގެން ޒަމާނީ އައިލެންޑަށް އަރާފައިވާއިރު، ބާކީ ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން މެރިން ޕޮލިސް، ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅުގެ ރިސޯޓުތަކުގެ ލޯންޗުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

ފުލުހުންގެ އިތުރުން ރިސޯޓުތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި، ޑިންގީގައި ދަތުރުކުރި އެންމެހާ ފަސިންޖަރުން ވަނީ ސަލާމަތްކޮށްފައެވެ.

އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.