އދ. އަތޮޅުގެ ފަރަކަށް އެރި ޔޮޓެއްގެ ސަބަބުން 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ޔޮޓްގެ ވެރިފަރާތް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން ހާމަކުރި ގޮތުގައި، ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕވޓ ލޓޑ ގެ ލޯކަލް އޭޖެންޓްކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ "އެމް.ވައި ބިގް ފިޝް" ނަމަކަށް ކިޔާ ޔޮޓް، އދ. އަތޮޅުގެ RF1329 ފަރަށް 28 އޭޕްރީލް 2025 ގައި އުރިފައިވެއެވެ. މި ޔޮޓަކީ ޓެމްޕަލް މެރިން އެލް.ޓީ.ޑީ ގެ އުޅަނދެކެވެ.
އީޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ޔޮޓް ފަރުމަތިން ނަގާފައިވަނީ 29 އޭޕްރީލް 2025 ގައެވެ. އަދި ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް 4 ޖޫން 2025 ގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު ޖޮއިންޓް ސަރވޭއެއް ކުރެވުނެވެ.
ސަރވޭގެ ނަތީޖާއިން ދައްކާގޮތުން، އެ ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި ގެއްލުމާ ގުޅިގެން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ޤަވާޢިދުގެ ދަށުން، އެ އުޅަނދުގެ ވެރިފަރާތް 4,889,450 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.
އީޕީއޭއިން އިތުރަށް ހާމަކުރި ގޮތުގައި، މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އޭޖެންސީއަށް ދެއްކުމަށް ޓެމްޕަލް މެރިން އެލް.ޓީ.ޑީ އަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!