ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު ވަޒީރު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.

Ad
rt

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއު އަށް 7.7 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.

މި މިސްކިތުގައި ވުޟޫކުރާ ސަރަހައްދަކާއި، މުއްނާރެއް، ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއްވެސް ހިމެނޭނެއެވެ. އަދި މިސްކިތް އިމާރާތްކުރެވޭނީ ސޯލަރ ސިސްޓަމް ހަރުކުރެވޭ ގޮތަށެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށްވާއިރު، މިސްކިތް އިމާރާތްކޮށް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ގއ. ގެމަނަފުށީގައި ފަށާފައިވާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިންމުމަށް ރޯޑް ޑިވޮލެޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި މިއަދު ހަވާލުކޮށްފައެވެ.