ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މި އިލްތިމާސްކޮށްފައި ވަނީ މޫސުމާ ބެހޭ އިދާރާއިން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ބާރުގަދަވެ، މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީއެވެ.

Ad
rt

މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމަށްވުމާއެކު، ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭނަމަ، މޫސުން ރަނގަޅުވަންދެން ދަތުރު ފަސްކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ދުވަސްވަރު ކަނޑު ދަތުރުކުރާއިރު އިތުރު މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ އިދާރާގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށާއި، ކުއްލި ހާލަތެއްގައި ގުޅާނެ ނަންބަރުތައް ރައްކާކޮށްފައި ބެހެއްޓުމަށްވެސް އެމްއެންޑީއެފުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަކުރަމުންނެވެ. މޫސުމާބެހޭ ޤައުމީ އިދާރާގެ މެޓް އޮފީހުން މިހާރު ވެސް އޮތީ ހއ. އަތޮޅުން ފެށިެގން ތ.އަތޮޅު ހިމެނޭ އަތޮޅުތަކަށް ހުދު ސަމާލުނެރެފައެވެ. މިރޭ 19:45އާއި ހަމައަށް ނެރެފައިވާ މި ސަމާލުގައި ގަޑިއަކު 19 މޭލާއި 24 މޭލަށް އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.