ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި ދެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ސ. ފޭދޫ / ލިލީގަސްދޮށުގެ، މުޙައްމަދު ފަވާޒު ލުޠުފީ (32އ) އާއި، މާލެ / މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) އެވެ.

Ad
rt

ފުލުހުން މައުލޫމާތުދިން ގޮތުގައި މުޙައްމަދު ފަވާޒު ލުޠުފީ ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އަދި އާމިނަތު ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 2023 ޑިސެމްބަރު 19 ވަނަ ދުވަހު ދިވެހި ފިރިހެނަކު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮރިޔާންކާޑު ހުރިކަމަށް ބުނެ ބިރުދައްކައި ބްލެކްމެއިލްކޮށްގެން އޭނާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށެވެ.

ފުލުހުންގެ ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މުޙައްމަދު ފަވާޒު ލުޠުފީ ދިރިއުޅޭ ކަމަށް ބެލެވޭ ހުޅުމާލޭގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އަދި އާމިނަތު ފައިނާޒް ލައިގެން ހުރި އަންނައުނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުން މިހާރު ގެންދަނީ ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަކި މައްސަލަތަކެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންނެވެ.