އަލުން އަނބުރާ ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން ދެން އިއާދައެއް ނުކުރެވޭނެކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާ މެމްބަރުން ރަށްރަށުގެ އާބާދީގެ ނިސްބަތަށް ބަހާލައި، އަތޮޅު ކައުންސިލްތައް އުވާލައި، ލާމަރުކަޒީ ޤާނޫނަށް އިސްލާހްތަކެއް ގެނައުމަކީ މި ސަރުކާރުގެ ވިސްނުމެކެވެ.

Ad
rt

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޟް ވިދާޅުވެފައި ވަނީ، ލާމަރުކަޒީ ނިޒާމުގެ މުޅި ބޭނުމަކީ ޑިމޮކްރެޓިކް އުސޫލުން ރަށްރަށާ އަތޮޅުތަކާ ސިޓީތައް ހިންގުން ކަމަށެވެ.

''އަލުން އަނބުރާ ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން ދެން އިއާދައެއް ނުކުރެވޭނެ. ކުރިޔަދެވޭ ކަށް ނުވެސްނެތް.'' ފައްޔާޟް ވިދާޅުވެފައެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ބަލައިނުގަނެ އެ ބަދަލުތަކާ ދެކޮޅަށް ތެދުވުމަށް ކައުންސިލަރުންނަށް ގޮވާލައި އެމްޑީޕީން ވަނީ ނޫސްބަޔާނެއް ވެސް މިއަދު ނެރެފައެވެ.

ފައްޔާޟް މިފަދައިން ވިދާޅުވެފައިވާއިރު، ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަން ނިންމައި، މިހާތަނަށް އިޢުލާންކޮށްފައިވާ ބަދަލުތަކުގެ ތެރޭގައި، އަތޮޅު ކައުންސިލްތައް އުވާލުމާއި، ރަށު ކައުންސިލްތައް އެރަށެއްގެ އާބާދީގެ ނިސްބަތުން ސައިޒް ކުޑަކުރާގޮތަށް، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑުނޫން ރަށްރަށުގައި ތިން ކައުންސިލަރުން، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭގޮތަށް ހެދުމާއި، ހަމަ އެގޮތަށް، ޑަބްލިޔުޑީސީ ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީވެސް ރަށު ކައުންސިލްތަކެކޭ އެއްގޮތަށް ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑުނޫން ރަށްރަށުގައި ތިން މެމްބަރުން، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް މެމްބަރުން ތިބޭގޮތަށް ބަދަލުކުން ހިމެނެއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ވެސް، ރަށު ކައުންސިލްގެ ރައީސް، ނޫނީ ރައީސާ ގޮތަށް، ސީދާ އިންތިޚާބުކުރާ މީހަކަށްވާގޮތަށް ބަދަލުކުމާއި، ކައުންސިލްތަކަށް އިންތިޚާބުކުރާ މެމްބަރުންގެ 40 އިންސައްތަ އަކީ އަންހެނުންކަމުގައި ޤާނޫނުން ކަނޑައަޅައި، އަންހެނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ.

މި ބަދަލުތަކުގެ ސަބަބުންވެސް ވަރަށްބޮޑު ތަނުން ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، މިހާރު ބައެއް ރަށްރަށުގައި ކައުންސިލަރުން ބޭކާރުވެފައި އެބަތިބޭ ތިބުން ނިމުމަކަށް އަންނާނެކަމަށް ސަރުކާރުން ބުނެފަވެއެވެ. މިހާރު އޮންނަގޮތުން ރަށުގެ އާބާދީ، ރަށުގައި ޤާއިމުވެ ތިބޭ މީހުންގެ ޢަދަދު ސަތޭކަ ހަމަނުވާ ރަށްރަށުގައިވެސް ފަސް ކައުންސިލަރުން ތިބުމާއި، މީގެތެރެއިން ގިނަ މީހުން ރަށުގައި ނުތިބެ މަހަށްދިޔުމާއި ނުވަތަ އަމިއްލަ ވިޔަފާރީގައި އުޅޭފަހަރު އައުންފަދަކަންކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިހާރު އޮންނަގޮތުން މި ނިޒާމްވެގެން ގޮސްފައި ވަނީ ވަރަށް ޚަރަދު ބޮޑު، ރައްޔިތުންނަކަށް އެއިން ކުރާ ފައިދާ ނިސްބަތުން ކުޑަ ނިޒާމަކަށް ކަމަށް ސަރުކާރުން ފާހަގަކޮށްފަވެއެވެ.