އއ. ފެރިދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ހިންގާ ޤުރުއާން ކުލާހަށް ބޭނުންވާ ބައެއް ތަކެތި ވަޤުފު ފަންޑުން ފޯރުކޮށްދީފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ފެރިދޫގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ މި ޤުރުއާން ކުލާހުގައި ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވަނީ ވަޤުފު ފަންޑުން ފޯރުކޮށްދެވުނު ތަކެތި ހަރުކުރުމަށްފަހުގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިހާރު އެ ތަކެތި ހަރުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ދީނީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑުން މި ތަކެތި ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ޤުރުއާނުގެ ޢިލްމު ކުރިއަރުވައި، ކުދިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމެވެ. އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޤުރުއާނުގެ ޢިލްމު އުނގަންނައިދީ، އުނގެނުމަށް ހިތްވަރުދިނުންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ދީނީ ކަންތައްތަކަށް އެހީވުމަށް އުފައްދާފައިވާ ވަޤުފު ފަންޑުގެ ޒަރީޢާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ ދީނީ ހަރަކާތްތަކަށް އެހީތެރިވުމަކީ އިސްލާމިކް މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެކެވެ.
މި ފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށުގައި ދީނީ ތަޢުލީމު ފެތުރުމަށް މަގުފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!