ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ.

މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޣަނީގެ ނަން ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވުނު އިންޓަވިއުތަކަށް ފަހުގައެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީގެ އިތުރުން ކުރިމަތިލައްވާފައިވަނީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

Ad
rt

ޖޭއެސްސީން މިއަދު މެންދުރުފަހު ބޭއްވި އިންޓަވިއުތަކުގައި، މި ތިން ބޭފުޅުންނާ ސުވާލު ކުރެއްވުމަށްފަހު، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަބްދުލްޣަނީ މުހައްމަދު ކަމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަބްދުލްޣަނީ މުހައްމަދަކީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރަށްވާފައިވާ ބޭފުޅެކެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުކަމާއި، ޖޭއެސްސީގެ މެމްބަރުކަމާއި އަދި ސިވިލް ކޯޓުގެ ޣާޒީކަން ވެސް ކުރަށްވާފަވެއެވެ.

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން އެލްއެލްބީ (ހޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރޫޑެންސް ފުރިހަމަކުރަށްވާފައިވާ ޣަނީ ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ވެސް ހާސިލް ކުރަށްވާފައެވެ. މިހާރު އިސްލާމިކް ޔުނިވާސިޓީއިން ޑޮކްޓަރ އޮފް ފިިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ލެޖިސްޓިވް ޕޮލިސީ ކޯސް ފުރިހަމަކުރަށްވަމުން ގެންދަވާ ޣަނީއަކީ ޝަރީޢީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.