އެމްޕީއެލްގެ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް ނިންމާފައި ނުވާކަމަށް އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ ނޯތު ހާބަރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމުގެ އެންމެހައި ކަންކަން އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށުމާ ގުޅިގެން، މަސްދޯނިފަހަރުން ވެސް ފީ ނަގާކަމުގެ އަޑުތައް ފެތުރިފައިވާތީ، އެކަން ސާފުކޮށްދެއްވުމަށް ސީއީއޯ ރިޝްވާން ވަނީ ޓްވިޓަރުގައި މައުލޫމާތު ހިއްސާކުރައްވާފައެވެ.

Ad
rt

ސީއީއޯ ރިޝްވާން ވިދާޅުވި ގޮތުގައި ނޯތު ޕޯޓްގެ ސަރަހައްދަށް އިތުރުކުރެވުނު ސަރަހައްދު ތަރުތީބުކޮށް، އިންތިޒާމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި މި ސަރަހައްދު ތަރުތީބުކުރެވުމުން، މަސްދޯނިފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަދަލާ އެކު އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ އަރުވައި ބޭލުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްވެގެންދާނެ ކަމަށާއި، އަދި މި ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް ވެސް ސީއީއޯ ރިޝްވާން ވަނީ ފާހަގަކުރައްވާފައެވެ.

"މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އަރުވަން،" ސީއީއޯ ރިޝްވާން ވިދާޅުވިއެވެ.