ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގަައި ރޭ ހައްޔަރުކޮށްފައިވާ މީހާގެ ބަންދަން 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މުރުން 25 އަހަރުގެ މަސީޙް މޫސާ (ތ.ވިލުފުށި/ މަލަސް) އެވެ.
ފުލުހުން މިރޭ ބުނިގޮތުގައި މަސީޙްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ތަހްގީގްގެ ބޭނުމަށް އޭނާ ގެންގުޅޭ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މަސީޙް މޫސާ ހައްޔަރުކޮށްފައިވާއިރު، ރައީސަށް މަރުގެ އިންޒާރުދީ ޕޯސްޓެއްކޮށްފައި ވަނީ ''މަސީޙް މޫސާ'' ނަމުގައި ފޭސްބުކްގައި ބޭނުންކުރަމުން އަންނަ އެކައުންޓަކުންނެވެ.
އެ އެކައުންޓުން ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ދަންނަވާފައިކަން ހާމަކުރަށްވައި އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓާއި ގުޅިގެން ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރަކާއި ގުޅުވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!