ޒަމާނީ ސިޓީތަކާއި އެއްގޮތައް ކުޅުދުއްފުށި ސިޓީގެ ބައެއް މަގުތައް ޕެޑަސްޓްރިއަން ނުވަތަ ހިނގާފައި އުޅޭ ސަރަހައްދުތަކެއްގެ ގޮތުގައި ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ އާޠިފް މިހެން ވިދާޅުވީ 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓު ހިއްސާ ކުރުމަށް ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެއެވެ.

Ad
rt

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އާޠިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ބައެއް މަގުތައް ޕެޑަސްޓްރިއަން ސަރަހައްދުތަކެއްގެ ގޮތުގައި ބަދަލުކުރުމަށް ވިސްނުން ގެންގުޅެނީ އެ ސަރަހައްދުގެ ރައްޔިތުން މިކަމަށް ރުހޭކަމުގައި ވާނަމަައެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކަށް ވަރަށް ބޮޑަށް އިޤުތިސާދީ ކުރިއެރުމެއް ލިބޭނެކަމަށް މޭޔަރ ޤަބޫލުކުރެއެވެ.

އެގޮތުން ކުޅުދުއްފުށި ސިޓީގައި އެންމެ ފުރަތަމަ އާބާދުވި 3 ސަރަހައްދުގައި ހަނި ގޯޅި ތަކެއް އެބަހުރިކަމަށް ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ، މިހާރު ހުރި ވެލި މަގުތަކަށް ވެލި އަޅަން ދުއްވާ އުޅަނދުތައް ނުވެއްދޭކަމަށާއި، އެ މަގުތައް ޗަކައިން ނެގުމަށް ވަރަށް ދަތިކަމަށެވެ.

މީގެ އިތުރުން އެފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބިންތަކުގެ އަގު ދަށްވެ، ގުދަނެއް ނުވަތަ ފިހާރައެއް ހެދުމަށް ވިޔަސް މިފަދަ ހިމަ މަގުތައް ބޭނުން ނުކުރާކަމަށާއި އެހެންކަމުން ސިޓީ ކައުންސިލުގެ ވިސްނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ރުހޭކަމަށް ވާނަމަ ސިޓީ ކައުންސިލުގެ ހަރަދުގައިވިޔަސް، އެ ސަރަހައްދުތައް ޕޭވް ކުރުމަށް ނުވަތަ އެ މަގުތަކުގައި ގާ އަތުރައި ހިތްގައިމު މަގުތަކެއްގެ ގޮތުގައި ތަރައްޤީ ކުރެވިދާނެކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓު ހިއްސާކުރުމުގެ ރައްޔިތުންގެ ބައްދަލުވުން، ފޮޓޯ: ސިޓީ ކައުންސިލް

މޭޔަރ އާޠިފް އިތުރަށް ވިދާޅުވީ، މި މަގުތައް ޕެޑަސްޓްރިއަން ސަރަހައްދުތަކަށް ހެދުމަކީ އަދި ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އެހެންނަމަވެސް މިކަން ތަންފީޒުކުރާނީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުން މިކަމަށް ރުހޭނެނަމަކަމަށާއި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އުފަލާއެކު މިކަން ބަލައިގަންނާނެކަމަށް ވާނަމަކަމަށް މޭޔަރ ފާހަގަކުރައްވާފައިވެއެވެ.

އަޅުގަނޑަށް ފެންނަނީ ވަރަށް އުފާވެރި މަންޒަރެއް، ކުޑަކުދިން ނިކުމެ އެ މަގުތަކުގައި ދުވެލާ ކުޅެލާ ހެދޭނެ. އެ ތަނަކަށް ދުއްވާ އެއްޗެއް ވަދެދާނެ ކަމުގެ ބިރެއް ނޯންނާނެ. އަދި މިހާރުވެސް އަޅުގަނޑުމެންނަށް ބޮޑު އެއްޗެއް ގެއަށް ގެންނަން ޕިކަޕެއްވެސް ވެއްދޭނެ މަގުތަކެއް ނޫން އެ މަގުތަކަކީ. އެހެންކަމުން އަޅުގަނޑު ޤަބޫލުކުރަނީ އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް ރަނގަޅު ފުރިހަމަ މަސައްކަތަކަށް ވާނެކަމަށް.

މޭޔަރ އާޠިފް ވިދާޅުވެފައިވެއެވެ.

ރޭ އަފީފުއްދީން ސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާކަމަށް ފާހަގަކޮށްލެވެއެވެ. އަދި މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ ވީޑިއޯ ރިޕޯޓެއް ރައްޔިތުންނާއި ހިއްސާކޮށް، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތައް ހިއްސާކުރާނެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.