9 ވަނަ ބިޒްނަސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ އުޞޫލުތަކާ މެދު މިއަދު މަޝްވަރާކޮށްފިއެވެ.
އިގްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި، މިއަދު ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާގެ މުހިންމު އެތައް ކަމަކާ މެދު މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ދާދި ފަހުން ފާސްކުރެވުނު ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނާ ގުޅިގެން، ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމުގެ އުޞޫލުތައް ހިމެނެއެވެ.
މީގެއިތުރުން، ބޮންޑެޑް ވެއަރހައުސްގެ އަގުތަކާ ގުޅޭގޮތުން އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖްމަންޓާ އެކު މަޝްވަރާތައް ކުރެވުނެވެ.
މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ދެ ޤައުމުގެ ފައިސާއިން ވިޔަފާރީގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމްތައް މިހާތަނަށް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު ބޭންކް އޮފް މޯލްޑިވްސްއިން ބިޒްނަސް ކައުންސިލާ ހިއްސާކޮށްފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ބިޒްނަސް ކައުންސިލްގެ މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަކީ ރާއްޖޭގެ ވިޔަފާރި މާޙައުލު އިތުރަށް ހަރުދަނާކޮށް، ބޭރުގެ އިންވެސްޓަރުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރިއަށްގެންދިޔަ މަޝްވަރާތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!