ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު މިރޭ ނިންމަވާލައްވައިފިއެވެ.

ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މި މަހުގެ 27 ވަނަ ދުވަހުއެވެ.

Ad
rt

ރައީސް ޑިސަނާޔަކެ، ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އެ މަނިކުފާނަށް ވަނީ ރަސްމީގޮތުން މަރްޙަބާ ދަންނަވާފައި ވަނީ ޖުލައި 27 ގައެވެ.

ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެ އަށް ފެއްޓެވި ދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުމުގެއިތުރުން ދެ ޤައުމުގެ ރައީސުންގެ ގުޅުފައިވާ ބަޔާނެއް ދެއްވާފައެވެ. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ވަނީ ސޮއިކޮށްފައެވެ.

އެއީ، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަލް ޑިޕްލޮމެޓިކް ޓްރޭނިންގ އިންސްޓިޓިއުޓް އާއި ދެމެދު ވެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޑިޕްލޮމެޓިކް ޓްރޭނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމަންޓްސް އާއި ދެޤައުމުގެ މެދުގައި، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް ވެވޭ މުއާހަދާ އެވެ.

މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޑިޕްލޮމެޓިކް ޓްރޭނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމަންޓްސްގެ ސަބަބުން ދެޤައުމުން ގުޅިގެން ޑިޕްލޮމެޓުން ތަމްރީނުކުރުމާއި، މަޢުލޫމާތު ހިއްސާކުރުމާއި، އިދާރީ ވަސީލަތްތަކާއި ޑޮކިއުމެންޓޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރެވިގެންދާނެއެވެ. އަދި ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް ވެވުނު މިމުއާހަދާގެ ދަށުން، ޖިނާޢީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި، ދަޢުވާކުރުމާއި، ހެއްކާއި މަޢުލޫމާތު ހިއްސާކުރުން ފުޅާކުރެވިގެންދާނެއެވެ.

މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގައެވެ. އަދި މި އަހަރަކީ މި ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.