ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރައްޔިތުންގެ އާންމު ބައްދަލުވުން މާދަމާ ބާއްވަން ހަމަޖެހިއްޖެއެވެ.

މި ބައްދަލުވުމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ބައްދަލުވުމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫޢުތައް ރައްޔިތުންނާއި ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

Ad
rt

މީގެ އިތުރުން މި އަހަރުގެ މި ބައްދަލުވުމުގައި ބައިވެރިވާ ރައްޔިތުންގެ އަދަދު އިތުރު ކުރުމަށާއި، ރައްޔިތުންގެ އަގު ވަޒަންކުރުމުގެ ގޮތުން ގުރުއަތުން ހޮވޭ 12 ފަރާތަކަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެގޮތުން މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2025 (މާދަމާ) ރޭގަނޑު 20:45 ގައި ޢަފީފުއްދީން ސްކޫލް ހޯލުގައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލަކީ، ލާމަރުކަޒީ ޤާނޫނުން ލާޒިމުކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުންތައް ޤަވާއިދުން ބާއްވަމުން އަންނަ ކައުންސިލެއްގެ ގޮތުގައި އަބަދުވެސް ފާހަގަކޮށްލެވޭ ކައުންސިލެކެވެ. މިގޮތުން ރައްޔިތުންގެ ޝަކުވާތަކާއި ޙިޔާލުތައް ދުރާގާތުން އަޑުއެހުމައްޓަކައި 'ރައްޔިތުން އަޑު ގާތުން' ގެ ނަމުގައި ބައްދަލުވުމެއް ކޮންމެ ހޯމަ ދުވަހަކުވެސް ސިޓީ ކައުންސިލުން އާންމުންނަށް ހުޅުވާލާފައިވެއެވެ.