ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް، ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި އަޙްމަދު ސަލީމަށް އަރުވައިފިއެވެ.
ސަލީމަށް މި ޝަރަފް އަރުވާފައި ވަނީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އަޙްމަދު ސަލީމް ވަނީ ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައެވެ. އެ މަނިކުފާނު ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރެއިން 35 އަހަރަށްވުރެ ގިނަ ދުވަހު ހޭދަކުރައްވާފައި ވަނީ ޚާރިޖީ ދާއިރާގައެވެ.
މި ދާއިރާގައި، ޕާކިސްތާނަށާއި ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ދިވެހި ސަފީރުކަން އެ މަނިކުފާނު އަދާކުރައްވާފައިވެއެވެ. އަދި ސާކްގެ ފުރަތަމަ ޑިރެކްޓަރުކަމާއި، ޖުމުލަ 5 އަހަރާއި 6 މަސް ދުވަހު ސާކް ސެކްރެޓެރީ ޖެނެރަލްކަންވެސް ކުރެއްވިއެވެ.
ޚާރިޖީ މިނިސްޓްރީގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓްގެ ގޮތުގައިވެސް އަޙްމަދު ސަލީމް ވަނީ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.
އެ މަނިކުފާނު ވަނީ ރާއްޖެ ތަމްސީލު ކުރައްވައި ބައިނަލްއަޤުވާމީ އެތައް ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ރާއްޖޭގެ ތަރައްޤީއަށް ބޭރު ޤައުމުތަކުން އެހީ ހޯއްދެވުމަށްވެސް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓްރީގެ "ފޮރިން ސަރވިސް އިންސްޓިޓިއުޓް" ވެސް އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވާފައިވެއެވެ.
ޚާރިޖީ ދާއިރާގެ އިތުރުން، އަޙްމަދު ސަލީމް ވަނީ ދައުލަތުގެ އެހެން މުއައްސަސާތަކުގައިވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައެވެ.
އެގޮތުން، 2003 ވަނަ އަހަރު އުފެއްދެވި ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމާއި، 2008 ގެ ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސްކަންވެސް އަދާކުރެއްވިއެވެ.
މިނޫންވެސް ސަލީމް ވަނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑެޕިއުޓީ ޑިރެކްޓަރ، އަދި އެކި މިނިސްޓްރީތަކުގެ ޑިރެކްޓަރ/ޑިރެކްޓަރ ޖެނެރަލްގެ މަގާމުތައް ފުރުއްވައި، ދިވެހި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެ މަނިކުފާނަށް މި ޝަރަފް އެރުވުނީ ދައުލަތަށް ކުރެއްވި މި ހުރިހާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!