އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، އައު ޓާމިނަލް ހުޅުވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ގެނުވައިދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިކަމުގެ އުފާފާގަތިކަން، ހިތްހަމަޖެހުން ލިބިގެންދާނެ. އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކޮށް، ކުރިއަށް ގެންދިޔުމުގައި ޚާއްޞަކޮށް، ޓޫރިޒަމް ދާއިރާ، އަދިވެސް ޖުމްލަކޮށް އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންގެ ރާއްޖެ ކުރިއެރުމުގައި އިރާދަކުރެއްވިއްޔާ މި ވެގެންދާނީ ވަރަށް މުހިންމު މަސައްކަތަކަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ބަޔާންކުރެއްވީ، މިފަދަ ވަގުތެއްގައި ޢަޒުމް ކަނޑައަޅަންވީ ޤައުމު އިސްކުރުމުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ މިފަދަ ކޮންމެ ހިނދުކޮޅެއްގައި، ވަގުތެއްގައި އަޅުގަނޑުމެން ގަބޫލުކުރަންވީ، ހަނދާނަށް ގެންނަންވީ އަޅުގަނޑުމެންނަކީ އެއްބައެއްކަން. އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް ނިސްބަތްވާ، އެއް މާޒީއެއް އޮތް، އެއްބައެއްވަންތަ ބައެއްކަން. މިއީ ދިވެހިން. ފަޚުރުވެރި ދިވެހިން. ފަޚްރުވެރި މާޒީއެއް އޮތް ދިވެހިރާއްޖެ. އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު." ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތާއި، ޒާތީ ތަޢައްޞުބާއި، ހުރި ކޮންމެ ކަމަކަށްވުރެވެސް އިސްވާންވީ ދިވެހި ޤައުމު ކަމަށެވެ.

"ދިވެހި ޤައުމު އިސްކޮށް، އެންމެން އެކަތިގަނޑަކަށްވެ، މި ޤައުމު ކުރިއެރުމުގައި، މި ޤައުމަށް ހެވާއި ލާބަ ހޯދައިދިނުމުގައި އަޅުގަނޑުމެން ކިޔަންވީ އެކައްޗެއް. އެއް ލަވައެއް. އެއްބަހަކުން، އެއް ރާގެއްގައި، އެއްވާނެއްގައި ވާހަކަ ދައްކަންވީ. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ޤައުމަށް އެންމެ ހެޔޮ ކަންތައްތައް ކޮށްދެވޭނީ. އަންނަން އޮތް ޖީލުތަކަށް މި ޤައުމު އުފާފާގަތިކަމުގައި ވާޞިލްކޮށްދެވޭނީ. އެއީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް އެއީ. އަޅުގަނޑުމެން އެކަކަށްވެސް ރެކިގެން ދުރަށްނުދެވޭނެ ޙަޤީޤަތެއް އެއީ." ރައީސް ވިދާޅުވެފަވެެއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިއަދު އެންމެން ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ހުރި ކޮންމެ ކަމަކަށްވުރެ ދިވެހި ޤައުމު އިސްކުރަން ކަމަށެވެ. އަދި ޢަޒުމް ކަނޑައަޅަންވީއެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށްދިޔުމަށް ކަމަށެވެ.