ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޓަޔަރޑް ޗީފް ޖަސްޓިސް އަޙްމަދު މުޢުތަޞިމް ޢަދުނާނަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އަރުވައިފިއެވެ.

މި ޢިއްޒަތް އެރުވީ މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

Ad
rt

އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށާއި، ޤާނޫނީ އަދި ޝަރުޢީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނު ހިމެނެއެވެ. ބޭރުގައި ދިވެހިންނަށް ޤާނޫނީ އެހީތެރިކަން ދެއްވުމާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޢަދުލު އިންޞާފުގެ ކަންކަން ހާމަކަންބޮޑުކުރައްވައި، ފަނޑިޔާރުގޭގެ ޚިދުމަތްތައް ޒަމާނީ ކުރައްވައި، ފަނޑިޔާރުންގެ ޤާބިލުކަން އިތުރުކުރެއްވުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ.

މި ޖުލައި މަހުގެ 21 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވި އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ޚާރިޖީ ދާއިރާގައި 10 އަހަރާއި، ފެކަލްޓީ އޮފް ލޯގެ ޑީން ކަމުގައި 4 އަހަރާއި 6 މަސް، އަދި ފަނޑިޔާރުކަމުގައި 9 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. ޖުމްލަ 33 އަހަރަށްވުރެ ގިނަ ދުވަހު ޤާނޫނީ ދާއިރާއަށް ޚިދުމަތްކުރައްވާފައިވެއެވެ.